ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ތަރިޖެހިއާގެ، އިސްމާއީލް އަބާން އަބްދުﷲ، 25 އާއި ސ. މަރަދޫ، ރަތްމާގެ، އަހުމަދު ދާން ފަރްހޫދު، 19 އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކަސްޓަމްސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެ އަށް ޑްރަގް އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ
.އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.