އަލްއަބްރާރް ގްރޫޕުގެ މައްސަލަ ބަލަން ފަށައިފާވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އަބްރާރް ގްރޫޕުން ވަނީ ރަމަޞާން މަހުގެ ފަހު ދިހައެއްގައި މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު، މަޤުބޫލު އެއްވެސް ސަބަބެއް ނެތި ދަތުރު ކެންސަލްކޮށްފައެވެ. ފުލުހުން ބުނީ، އެ މައްސަލަ މިމަހުގެ ހަތަރުވަނަ ދުވަހު އެ އިދާރާއަށް ހުށަހަަޅައިފައި ވާކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިސް؛ލާމިކް މިނިސްޓްރީން މިހާރު ވަނީ އަބްރާރް އުމްރާ ގްރޫޕުގެ ލައިސަންސް ވެސް ހިފަހައްޓައިފައެވެ. މިނިސްޓްރީން ބުނީ އެ ގްރޫޕުން އުމްރާ ދަތުރު ކެންސަލް ކޮށްފައި ވަނީ އުސޫލާ ޚިލާފަށް ކަމަށެވެ.
"އެހެންކަމުން ޢުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާ، އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަން ޖެހޭ މަޢުލޫމާތުތަކާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އުސޫލުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅުމަށް ވުޒާރާއިން ވަނީ ނިންމާފަ" މީގެކުރިން އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ މި މައްސަލައާ ގުޅިގެން ޢުމްރާގެ އަޅުކަމަށް ނުފުރިތިބި ޢުމްރާވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި ގޮތްތައް ބަލާ އެ ޚިދުމަތްތައް ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްފައެވެ.