Screenshot 2026-03-10 at 16.02.29

މިފްކޯއިން ޖަޕާނު މާކެޓުގައި ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ. ޖެޓްރޯއަކީ ޖަޕާނު ސަރުކާރުގެ އިދާރާއެކެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯގެ އިސް އޮފިޝަލުންގެ ވަފުދެއް ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެއަރތަކުގައި ބައިވެރިވެގެންވެސް ކުންފުނީގެ އުފެއްދުންތައް ދައްކާލާ މާކެޓްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!