Screenshot 2026-03-10 at 22.34.10

ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން އޮސްޓްރިއާއަށް ކަނޑައަޅުއްފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސް، އެލެކްސެންޑާ ވޭން ޑާ ބެލެން އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ. ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އޮސްޓްރިއާގެ ފެޑެރަލް ރައީސަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

އަދި އެކަމަނާ ވަނީ ރާއްޖެ އާއި އޮސްޓްރިއާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް ނަޒަރުހިންގަވައި، އިޤުތިޞާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށާއި، ދެ ޤައުމުގެ ރައްޔިތުން ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން، ދެގައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ އަރުވާފައެވެ.

ވިއެނާއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ރާއްޖެއާއި އޮސްޓްރިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުން ވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޑރ. ސަލްމާ އަކީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ އިތުރުން ސްވިސް ކޮންފެޑެރޭޝަންއަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ނޮން-ރެސިޑެންޓް ސަފީރު ވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!