HCY7SsWaoAAwShu

ގޮންޖެހުންތަކާ ކުރިމަތިލުމަށް ކޮމަންވެލްތު ޤައުމުތަކުގެ ގުޅުން އިތުރުކުރަން ރައީސް އިލްތިމާސްކުރައްވައިފި

މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިން) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ސުލްހަމަސަލަސްކަން ދެމެހެއްޓުމާއި، ހެޔޮވެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ އެއްބާރުލުން އިތުރުކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބާރު ދައްކުވައިދޭ ދިރިހުރި މިސާލެއްގެ ގޮތުގައި ކޮމަންވެލްތު އަބަދު ވެސް ދެމިއޮންނަ ކަމަށެވެ.

މިއަހަރުގެ ޝިއާރު ކަމުގައިވާ "ފާގަތި ކޮމަންވެލްތަކަށްޓަކައި، އެންމެން ގުޅިގެން ފުރުސަތުތަކުގެ ބޭނުންހިފުން" މި ޝިއާރަށް އިޝާރާތްކުރައްވަމުން، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ޝިއާރު ރަމްޒުކޮށްދެނީ، ކޮމަންވެލްތަކީ އޭގެ މަގުސަދުތައް ހާސިލުކުރެވޭ ފަދަ އެއްބައިވަންތަކަމާއި ބައިވެރިވުން ވަރުގަދަ ޖަމާއަތެއްގެ ގޮތުގައި ދެމިއޮތުމުގެ ރޫހު ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަމިއާއެކު، މިއަހަރުގެ ޝިއާރު ބިނާވެފައިވަނީ ރާއްޖެއިން ޤައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ދާއިރާތަކުގެ މައްޗަށް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވެ ވިލުންތެރި ގާބިލުކަން އިތުރުކުރުމާއި، ތައުލީމީ ދާއިރާގައި ދަރިވަރުންނާއި މުދައްރިސުންގެ ހަރަކާތްތެރިކަން އިތުރުކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޑިޖިޓަލްކުރުމުގެ އިތުރުން، މިކަންކަމުގެ ފައިދާ ހުރިހާ މުޖުތަމައުތަކަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނޭކަން ރައީސުް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމަކަށް ވީތީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑުކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތަށް 77 އަހަރު ފުރުމުގެ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، ރައީސް ވަނީ އެ ޖަމުޢިއްޔާގެ ތެރެއިން އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރައްވާފައެވެ. އެއީ ޤައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ ގައުމަކަށްވެސް ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!