Kanneli Masverin

އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 51 މިލިޔަން ރުފިޔާ އޮޑިވެރިންނަށް ދޫކޮށްފި

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު) ސިސްޓަމް ގާއިމްކުރުމަށް މިހާތަނަށް އޮޑިވެރިންނަށް 51 މިލިޔަން ރުފިޔާ ދޫކޮށްފައި ވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ، އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް 90 ފަރާތަކުން ލޯނަށް އެދުނުކަމަށެވެ. މީގެތެރެއިން 45 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށާއި މިހާތަނަށް މި ސިސްޓަމް ގާއިމްކުރުމަށް 51 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ސަރުކާރުން ހުޅުވައިލައިފައިވާ ވަރަށް ލުއި ފެސިލިޓީއެއް ކަމަށެވެ. މި ފެސިލިޓީ ތައްޔާރުކޮށްފައި ވަނީ އޮޑިވެރިންގެ ކަންބޮޑުވުންތައް އަޑު އެހުމަށްފަހު އެ ކަންބޮޑުވުންތަކަށް ލުޔެއް ލިބޭނެ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ޔަޤީން މިކުރަނީ އާރުއެސްޑަބްލިއު މި ސިސްޓަމް ދޯނިފަހަރުގައި ޤާއިމްކުރެވުނީމަ އެއިރުން ދެން ނުޖެހޭނެ އިތުރަށް ދުއްވައިގެން ލޭންޑް ބޭސްޑް ރަށްރަށުގައި ގާއިމްކުރެވިފައި މި ހުރި އައިސްޕްލާންޓްތަކަށް ދުއްވާކަށް. އެހެންވެއްޖެކަމަށްވަންޏާ ޔެތޮ އެއީ އެންމެ ބޮޑު ހޭދައެއް މަސްވެރިން ކުރަނީ ތެލަށް. ތެލަށް ކުރާ ހޭދަ އިރާދަކުރެއްވިއްޔާ އެހިސާބުން ވަރަށް ބޮޑަށް ކުޑަވެގެން އެދިޔައީ. އަނެއްކާ ރައީސުލްޖުމްހޫރިއްޔާ އޭގެ އިތުރު ޕްރޮގްރާމެއް މިވަނީ އިއުލާންކުރައްވާފައި." ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން އަމާޒު ހިފާފައި ވަނީ މި ފެސިލިޓީ ގާއިމްކުރަން ބޭނުންވާ ކޮންމެ އޮޑިދޯނި ފަހަރެއްގައި ވެސް މި ފެސިލިޓީ ގާއިމްކޮށްދިނުމަށް ކަމަށެވެ.

މި ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން ފުރަތަމަ ހުޅުވައިލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް، މި ލޯނަށް ކުރިމަތިލުމަށް މިހާރު ވަނީ އަލުން ހުޅުވައިލައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!