ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވޭ ގޮތަށް ހަދަން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ހަ މަސް ފަހުން، މަޖިލީހުގެ އިންތިހާބު ބޭއްވުމުން އެ އިންތިހާބަށް އެ ވަގުތެއްގައި ހުންނަވާ ވެރިއަކު ނުފޫޒު ފޯރުވާ ކަމަށް އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ.
އެހެންވެ، އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށް ބަދަލު ގެނައުމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން ވަގުތު ނުދެވޭނެ ކަމެއް ކަމަށް ފަލާހު ވިދާޅުވެ އެވެ.
"އޭގެ އެންމެ ބޮޑު ފައިދާއެއް ރައްޔިތުންނަށް މި ގައުމަށް ކުރާނެ އެއް ސަބަަބަކީ ރިޔާސީ އިންތިހާބު، އެ ކާމިޔާބު ކުރާ ވެރިއަކަށް އަބަދުވެސް އޭގެ ހަ މަސް ދުވަސް ފަހުން މަޖިލީހުގެ އިންތިހާބު އޮންނައިރު އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކަ އަބަދުވެސް ރައްޔިތުން މި ދައްކަނީ އެހެންވީމަ ހަގީގަތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި އޮތީމާ އޭރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އަށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ވަރަށް ބޮޑަށް ވަގުތު ނުދެވޭނެ،" ފަލާހު ވިދާޅުވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރައީސަކު ހޮވުމަށް ފަހު، މަޖިލިސް އިންތިހާބު ބޭއްވުމާ ހަމައަށް އޮންނަ މުއްދަތުގައި މުޅި ސަރުކާރުގެ ފޯކަލް އޮންނަނީ މަޖިލިސް އިންތިހާބަށް ކަމަށާއި އެހެންކަމުން އެ ހަ މަސް ދުވަހަކީ ގެއްލިގެންދާ ދުވަސްތަކެއް ކަމަށެވެ.