މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރާ އެ ދާއިރާގެ މިހާރުގެ ކައުންސިލް މެމްބަރު އިބްރާހީމް އަބޫބަކުރު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރުކަމަށް އިބްރާހިމް އަބޫބަކުރު އިންތިހާބުވީ ޕީޕީއެމް ޓިކެޓުގައެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ޕީއެންއެފްއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް މި ފަހަރު ކައުންސިލަށް އިބްރާހިމް އަބޫބަކުރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، އިބްރާހިމް އަބޫބަކުރު މިހާރު ވަނީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އަދި މާލޭ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމަވައި އެކަން ހާމަކުރައްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، އަރީޝްގެ ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމުން އެތަނަށް ވަޑައިގެން، އިބްރާހީމް ވިދާޅުވީ އަމިއްލަގޮތުން ކުރިމަތިލީ ފޯމު ހުށަހެޅުމުގައި ދިމާވި ކޮމިއުނިކޭޝަން އެރޯއެއްގެ ސަބަބުން ކަމަށާއި ޕާޓީއަށް ގެއްލުމެއް ލިބެން ނޭދޭ ކަމަށެވެ.
މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ކެމްޕެއިން ފެށުމުގެ ކުރިން، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ކަން ވެސް ކުރައްވާ އިބްރާހިމް އަބޫބަކުރަކީ އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރުވެސް އަދި މިހާރުވެސް ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.
"ވަރަށް އުފާކުރަން ކެންޑިޑޭސީ، މިހާރު ރަސްމީކޮށް ނަން ނުނެގުނަސް އިންތިހާބުގައި އިތުރަށް ކުރިޔަށް ނުދާން ނިންމަވައި އަޅުގަނޑުމެންގެ ޑެޕިއުޓީ މޭޔަރު އަރީޝްއަށް ތާއީދުކުރަން ނިންމެވި ކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ." ރައީސް ވިދާޅުވިއެވެ.
އަންނަ އޭޕްރީލް 4 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެންމެ ގިނަ އިން ކެންޑިޑޭޓުން ނެރުނީ ޕީއެންސީންނެވެ.