ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރާ ދައުރަކީ އަގުނުކުރެވޭ ދައުރެއް: ރައީސް

637342995_1309221804576387_6252645157010450877_n

ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، އދ. ދިގުރަށުގައި މި މަހުގެ 13 ވަނަ ދުވަހު ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތެއް މަރުވުމުގެ އިތުރު ދެ ރައްޔިތަކަށް އަނިޔާވުމާއި ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު، ތާރިގު ރަހްމާނަށް ފޮނުއްވި ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސްގެ ސިޓީފުޅުގައި، މި ނުރައްކާތެރި ހާދިސާއާއި ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނާއި ހާއްސަކޮށް ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރައްވައި ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ.

ރައީސްގެ ތައުޒިޔާގެ ސިޓީފުޅުގައި، އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައިކަން ހާމަކުރައްވައި، ވަނީ މި ހާދިސާގައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ރައީސް ވަނީ މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ