މިފްކޯއިން މަސްވެރިންނަށް ކުރީގެ އަގުގައި ތެޔޮ ވިއްކަން ނިންމައިފި

ފޮޓޯ: ޒުވާން މަސްވެރިޔާ
ފޮޓޯ: ޒުވާން މަސްވެރިޔާ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެހެންކަމުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯއިން) ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގު ވެސް އިއްޔެ ބޮޑުކުރިއެވެ.

ނަމަވެސް އެސްޓީއޯގެ ނިންމުން މުރާޖައާކޮށް، ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމާފައި ވާކަމަށް މިފްކޯއިން ބުންޏެވެ.

މި ބަދަލާއެކު، 5 މާރިޗުގައި މިފްކޯއިން އިޢުލާންކުރި އަގުތައް ދެމިއޮންނާނެއެވެ. މިގޮތުން މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، 16.04 ރުފިޔާއަށް ޑީސަލް ލީޓަރެއް ލިބޭނެއެވެ. މީގެ އިތުރަށް ކުރިއެކޭ ވެސް އެއްގޮތަށް، މިފްކޯއިން ޑީސަލް ގަންނަ އާންމު ފަރާތްތަކަށް ވިއްކަމުންދާނީ ލީޓަރެއް 17.54 ރުފިޔާގެ މަގުންނެވެ.

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މި ބަދަލަކީ މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ