މާފަންނު ތޮއިބާ މިސްކިތް ކައިރީ ހުންނަ ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އަންނަ މަހު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލް އިލްތިޚާބުގެ ތައްޔާރީތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
މި ހާދިސާ ހިނގީ އިންތިޚާބާ ބެހޭ މަރުކަޒަކާ ޖެހިގެން ހުރި އިމާރާތެއް ކަމުގައިވާ މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގައެވެ. މިކަމާ ގުޅިގެން ރޭ ވަނީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައެވެ. ނަމަވެސް، މި މަސައްކަތް އަލުން ސޯޝަލް ސެންޓަރުގައި ވަނީ ފަށައިފައެވެ.
އީސީން ބުނީ، އިންތިޚާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް މިހާރު ވެސް ކުރިއަށްދާކަމަށެވެ. އެގޮތުން މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ކުރިއަށްދާކަން އީސީން ވަނީ ފާހަގަކޮށްފައެވެ.
މި ހާދިސާގެ ސަބަބުން. އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭކަމުގެ ޔަގީންކަން އީސީން ވަނީ ދީފައެވެ.
މި ހާދިސާގެ ސަބަބުން 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑިއެމްއޭ)އިން ވަނީ ބުނެފައެވެ.