ގއ. ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއިން ބުނީ އެ މަޝްރޫއުގެ ދަށުން ދުވާރު ހެދުމާއި މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި ދުވާރުގެ މަސައްކަތުގެތެރެއިން ކާނުތައް ހެދުމާއި، ފަހުން އަޅާ ޚިދުމަތްތަކުގެ ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި، ގަސް އިންދާ ވަޅުގަނޑުތައް ހެދުމާއި، ކާބްސްޓޯން ޖެހުމާއި، އަދި ޒިގްޒެގް އިންޓަަލޮކިންގ ބްލޮކް ބޭނުންކޮށްގެން ޕޭވްމަންޓްގައި ގާ އެތުރުން ހިމެނެއެވެ.
މީގެ އިތުރުން ފެންބޮޑުވުން ހައްލުކުރުމަށްޓަކައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން މަގުގެ ނިޝާންތައް ކުރެހުމާއި ބޯޑުތައް ހަރުކުރާނެއެވެ.
މި މަޝްރޫއަށް 76.1 މިލިޔަން ރުފިޔާ ހަރަދުވާނެއެވެ.
ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023ވަ ނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ފަސް މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރާނެއެވެ.