މެދުއިރުމަތީގެ ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމުގައި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ޗެއާ އަދި ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.
ޚަލީލް މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ކަންކަން ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށެވެ. އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި އަޅުއްވަމުންގެންދަވާ ބައެއް ފިޔަވަޅުތައްވެސް މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމަށް އެކި ގައުމުތަކުން އެކިއެކި ފިޔަވަޅުތައް އަޅަމުންދާ ޚަބަރުތައް ލިބުނު ނަމަވެސް އެ ގައުމުތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަކީ ކޮންމެ ގައުމެއްގެވެސް ހާލަތަށް ރިއާޔަތްކުރެވޭ ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެގޮތުން މިފަދަ ގޮތަކަށް ސީދާ ފިޔަވަޅުތަކެއް އިއުލާނުކޮށްފިނަމަ އަންނާނެ އިތުރު ނޭދެވޭ އަސަރުތަކަށް ވިސްނަވައި ރައީސްގެ އިރުޝާދާއި އެއްގޮތަށް މިވަގުތައް ނިންމާފައިވަނީ ޚަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން މަސައްކަތް ކުރުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ދެއްވާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ވަޒީރުންގެ ޚާއްޞަ ކޮމިޓީއެއް އެކުލަވާލެއްވީ 28 ފެބުރުވަރީ 2026 ގައެވެ.
މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި، ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުއްވުމުގެ މަގުސަދުގައި، ނުވަ ވަޒީރުންގެ މައްޗަށް އެކުލަވާލައިފައިވާ ކޮމިޓީއެކެވެ.