މެދުއިރުމަތީގެ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައދްު ބޭނުން ނުކުރާނެ ކަމަށައި، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސްކަރީ ނުރައްކަލެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣައްސާން ވިދާޅުވީ، މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު އެއްވެސް ގައުމަކަށް ނުދިނުމަށް ހަނގުރާމަ ފެށުނު ދުވަހު ސަރުކާރުން ނިންމާފައި ވާކަމަށެވެ.
"މި ފުރުސަތުގައި އަޅުގަނޑު އެންމެ ބޮޑަށް ދަންނަވައިލަން ބޭނުން ވަނީ ދިވެހި ލޮބުވެތި ތައްޔިތުންނަށް ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހި ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްކަމަކަށް އަޅުގަނޑުމެންނަކަށް މި ދަނޑިވަޅަކު ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފު ނާންނާނެގޮތަށް ކަމުގައި މި ބައްދަލުވުމުގައި ކޮމިޓީގެ ޗެއާ އަދި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ދިޔަކަމުގައިވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ރައްޔިތުންނަށް ބޭނުންވާނެ ކަންކަމަށް ބުރޫނާރާނެ ގޮތަށް ކަންކަން ރޭވުމަށް ރައީސް އިރުޝާދު ދެއްވާފައިވާކަމަށެވެ. އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމާއި ޚަރަދު ކުޑަކުރުމަށް މަރުކަޒީ ބޭންކާއި މީރާގެ އިތުރުން މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ