ގާނޫނަކުން ބާރުދީ، މަރުގެ އަދަބު މި ސަރުކާރުން ތަންފީޒުކުރާނެ: ރައީސް

2026-03-23 12.04.08

މަރުގެ އަދަބު ތަންފީޒު ކުރުމަށް ގާނޫނެއް އެކުލަވާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރެވެނީ ޝަރުއީ ތިން މަރުހަލާ ނިމިގެނެވެ. ތިން މަރުހަލާއިން މަރުގެ ހުކުމް ދެމެހެއްޓި ތިން މީހަ ހުރި ނަމަވެސް، ގާނޫނުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް މި ފަހުން ތަންފީޒުކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މަރުގެ ހުކުމް ކުރީ ސަރުކާރުތަކުންވެސް ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ގާނޫނީ ފްރޭމްވަރކްގެ ތެރޭގައި ހިމެނަންޖެހޭ ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން ބިލު ތަސްދީގުކުރެވުނީމަ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ