ވެލާނަ އިންޓަނޭޝަނަލް އެއާޕޯޓަށް11 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ) އެވެ.
ފުލުހުން ބުނީ،މާރިޗު 20 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.
އެމީހުން އެތެރެކޮށްފައި ވަނީ،5370 ގްރާމުގެ ކެނަބިސް ފަތާއި 6590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށް މީގެކުރިން ކަސްޓަމުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.