ރާއްޖޭގައި ހޫނުމިން މައްޗަށްދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ހޫނު ގަދަވެ އިހުސާސްކުރެވޭ ހޫނުމިން މިހާރު 36 ޑިގްރީ ސެލްސިއަސްއާ ހަމައަށް އަރާފައި ވާކަމަށެވެ. އެހެންކަމުން ބޭރަށް ނުކުމެ އުޅުމުގައާއި ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ ހެނދުނު 10:00އިން ހަވީރު 04:00އާ ހަމައަށް ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުން ބުއްދިވެރި ކަމަށެވެ. އަދި ބޭރުގައި އުޅޭ ވަގުތުތަކުގައި ހިޔަލުގައި އުޅުމަށާއި ގިނައިން ފެން ބުއިމަށާއި ދޫކޮސް ހެދުން އެޅުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުމުން ސިއްހީ މައްސަލައެއް ކުރިމަތިވުމުގެ ރިސްކު ބޮޑު މީހުންގެ ތެރޭގައި:
- އުމުރުން 60 އަހަރުން މަތީގެ މީހުން
- ތުއްތު ކުދިންނާއި ކުޑަ ކުދިން
- މާބަނޑު މީހުން
- ބޭރުގައި މަސައްކަތް ކުރާ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުން
ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތައް:
- ބޮލަށް އެނބުރުން އެރުން
- ވަރުދެރަވުން
- ބޮލުގައި ރިއްސުން
- މާ ބޮޑަށް ކަރުހިއްކުން
ކޮންމެ އަހަރެއްގެ ވެސް މާޗް، އެޕްރިލް އަދި މޭ މަހު ހޫނު ގަދަވެއެވެ. މެޓު އޮފީހުން ވަނީ މިމަހުގެ ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ގަދަވާނެކަމަށް ބުނެފައެވެ.