ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް ހަދައިފި

Screenshot 2026-03-25 at 11.50.31

ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ނުވަތަ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަތިން ޓެކްސީ ލިބޭނެ ގޮތް މިއަދު ހަދައިފި އެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 2 ބޭނުންކުރައްވާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުގެ ހެނދުނު 10.00 އިން ފެށިގެން، ޓާމިނަލް 2 ގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްކަމުގައި ކަނޑައަޅާފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި އިންތިޒާމުގެ ދަށުން ޓާމިނަލް 2 ގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ.

މި ސަރަހައްދުގައި ފަހަރަކު 4 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެއެވެ. އަދި ޓަރމިނަލް 2 ގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ސަރަހައްދެވެ.

މި ސަރަހައްދުގައި ފަހަރަކު 5 ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެއެވެ.

މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެމްއޭސީއެލްގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ