މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޚަރަދު ކުޑަކުރުމަށް ރާއްޖެއިން ބޭރަށް ސަރުކާރުގެ ބޭބޭފުޅުން ކުރާ ދަތުރުތައް މިހާރު ހުއްޓާލާފައި ވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކޭޝް ފްލޯއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަނީ އެކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ކަމަށާއި ޚަރަދު ކުޑަކުރުމަށް ވެސް ފިޔަވަޅުތައް އަޅަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިންދުވަހު ވެސް އަޅުގަނޑު ދެންނެވިހެން، އިއުލާނުކޮށްގެނެއް އެކަމެއް ނުކުރަން. އެކަމަކު މިސާލަކަށް ބަލައިލައިފިކަމަށް ވެއްޖެއްޔާ ދަތުރުފަތުރު. މިހާރު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް އަޅުގަނޑުމެން މިއުޅެނީ ހުއްޓައިލައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީން ކުރަން ޖެހޭ ދަތުރުތައް ކުރާނެ ކަމަށެވެ. ނަމަވެސް އިތުރު، އެއްވެސް މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ވެސް މިހާރު ކުރާނީ ފުލީ ފަންޑެޑް ދަތުރުތައް ކަމަށެވެ. މި ދަތުރުތައް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ލަފާދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޚުދު އަޅުގަނޑު ކުރަންހުރި ދަތުރުތައް ވެސް ނުކުރަން. އެއީ، އޭޑީއެފްޑީގެ 100 މިލިއަން ޑޮލަރުގެ ރޯލްއޯވާގެ ފައިނަލް ސިގްނޭޗާއަށް އަޅުގަނޑު އޮތީ ދަތުރުކުރަން. އެކަމަކު މިހާރު އޮންލައިންކޮށް އެ ސިގްނޭޗާގެ ކަންތައްވެސް ރައީސް އޮފީހުން ނަގަންޖެހޭ ހުއްދަތައް ނަގައިގެން އޭގެ ހުރިހާކަމެއް ނިންމައިފައި އަޅުގަނޑު ހަނދާންވަނީ ދެ ދުވަހެއްގެ ތެރޭގައި އޮންލައިންކޮށް އެ ހަފުލާވެސް ގެންދަން ނިންމާފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ވެސް މިނިސްޓަރު ވަޏީ، ޚަރަދު ކުޑަކުރުމަށްޓަކައި ޕްރޮޖެކްޓްތައް ދިގު ދަންމައިލަން ޖެހިދާނެކަމަށް ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ޕްރޮޖެކްޓްތަކަށް ބޭނުންވާ މީހުން ނޫނީ ވަޒީފާއަށް ނުނަގާކަމަށް ވެސް އޭނަ ވިދާޅުވިއެވެ.