ލޯކަލް ކައުންސިލް އިންތިޚާބުގައި ގާސިމްގެ ތާއީދު ޖަލީލަށް

HEU7eBpbYAAp97s

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ތާއީދު ކުރައްވަނީ ސަރުކާރު ކެނޑިޑޭޓު މޫސާ އަލީ ޖަލީލަށްކަން ހާމަކުރައްވައިފިއެވެ.

ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މޫސާ ޢަލީ ޖަލީލަކީ، ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. އަދި މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވާ، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއްކަން ގާސިމް ފާހަގަކުރައްވާފައި ވެއެވެ.

"ހަމައެކަނި 1988ވަނަ އަހަރު ނޮވެންބަރުމަހު ތިންވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުން ވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ،" ގާސިމް ލިޔުއްވާފައި ވެއެވެ.

ގާސިމްގެ ޕޯސްޓުގައި ވަނީ، އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް ކަމަށެވެ. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބު ވެސް  ތެދުވެރިކަމާއެކު އަދާކުރެއްވި ކަމަށާއި ފަސްބައިގާ ކިލަނބުކަމެއް ނެތް، އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް، ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް ކަމަށް އެ ޕޯސްޓުގައި ވެއެވެ.

އެހެންކަމުން ރާއްޖޭގެ ވެރިކަންކުރާ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަމަށް ގަބޫލުކުރައްވާކަމަށް ގާސިމް ވަނީ ލިޔުއްވާފައެވެ.

ގާސިމް ވަނީ މާލޭގެ މުސްތަގުބަލަށްޓަކައި މޫސާ އަލީ ޖަލީލަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ވޯޓުލުން އޮންނަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ