ބީއެމްއެލްއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

457675_5103cae4-c_

ރައީސުލް ޑރ. މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިލިމާލޭ 300 ހައުސިން ޔުނިޓުގެ އަގު ހެޔޮ ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ، މިރޭ، ވިލިމާލޭގައެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކޮށްގެން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ އަގު ހެޔޮ ހައުސިން މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުالله މުއްތަލިބާއި ބީއެމްއެލްއާއި އާރްސީސީގެ އިސްވެރިންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސް ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.

މިރޭ ފެށި މި މަޝްރޫޢުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީކުރާނެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

"އެފޯޑަބަލް ހައުސިން" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް ޓު އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސސް ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިން ޢިމާރާތްކޮށްދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ. ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިން ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ