މި އަހަރުގެ މިހާތަނަށް ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ދައުލަތުން 634 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 537 މިލިއަން ރުފިޔާއަށް ވުރެ 15 ޕަސަންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި ދިނުމަށް ޖުމްލަ 2.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
މިއީ މިދިޔަ އަހަރު ކައުންސިލްތަކަށް ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. އަދި އޭގެ ކުރީ އަހަރުވެސް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ސިޓީ ކައުންސިލްތަކަށެވެ.