ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ހ. ނިބޫގެ / މާލެ، ޝަމްޢޫން ނަޞީރު (34އ)
- ގ. މާވާގެ / މާލެ، ޢަބްދުﷲ ޔާމީން (32އ) އެވެ.
މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި އޮޕަރޭޝަންގައި ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި މާރިޗު މަހުގެ 29ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަމްޢޫން ނަސީރު 5 ދުވަހަށް އަދި ޢަބްދުﷲ ޔާމީން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން މިފަހުން ވެސް ވަނީ އަތުލައިގެންފައެވެ. އޭގެތެރޭގައި ހިމެނެނީ، 5370 ގްރާމުގެ ކެނަބިސް ފަތާއި 6590 ގްރާމުގެ ހަޝިޝް އޮއިލް ކަމަށެވެ. މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މިކަމާ ގުޅިގެން އިތުރަށް ކަސްޓަމުން ބުނީ، މި ތަކެތީގެ މަގުމަތީ އަގު9.6 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވާނެކަމަށެވެ.