ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަޔްވާ ދެމީހުން ކަމަށްވާ، އުމުރުން 33 އަހަރުގެ ޖާހިރު ހޮސައިން އާއި އުމުރުން 36 އަހަރުގެ ސޮޖަން ސުލްތާންއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް އެކެއްގެ ކޮންޓެއިނާ ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ހުޅުމާލެ ފޭސް އެކެއްގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން މާރިޗު 30ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، ބުރިޖުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން މިހާރު ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުން ދާކަމަށް ވެސް އެ އިދާރާއިން ބުންޏެނވެ.