ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޕަބްލިކް ލިމިޓަޑް ކޮމްޕެނީން ގާއިމުކުރި އައު ބްރާންޗް ނެޓްވޯކާއި، އެ ބޭންކުން އަލަށް ގާއިމުކުރި އޭޓީއެމްތަކުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު މިރޭ އިފުތިތާހުކޮށްދެއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި މިރޭ އޮތް ރަސްމިއްޔާތުގައި ރައީސް ވަނީ، ބީއެމްއެލްގެ އައު ބްރާންޗް ނެޓްވޯކް، ހަ ރަށެއްގައި އެއް ވަގުތެއްގައި އިފުތިތާހުކޮށްދެއްވާފައެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލްއިން އަލަށް ގާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތް ވެސް އިފުތިތާހުކޮށްދެއްވާފައެވެ. މިރޭ، އެއް ވަގުތެއްގައި އެމަނިކުފާނު އިފްތިތާހުކޮށްދެއްވީ 70 ޑޮލަރު އޭޓީއެމްއާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތެވެ.
މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ފުޅާކުރެއްވުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެއް ކުރިއަށް ގެންދާ ކަމެކެވެ. އެގޮތުން، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާ ވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫއެއް ކުރިއަށްގެންދަވާފައެވެ.
އެގޮތުން ކުރިއަށްގެންދެވުނު "ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" މަޝްރޫއު ރަސްމީކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް އޭޓީއެމްގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި، ނުވަ މަސްދުވަހުގެ ތެރޭގައި ހިންގެވި މަޝްރޫއެކެވެ.