އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި އާންމު ހިޔާލު ހޯދުމުގެ ވޯޓަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަނުގެ ނަމަކީ "އޮޕަރޭޝަން ބްލޫ ރޭ"އެވެ. މިއީ އިންތީޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނާ ގުޅިގެން މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގައި ބޭއްވި ބްރީފިން ޝަރަފްވެރިކޮށްދެއްވައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނާ ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި، އޯގާތެރިކަން އިސްކުރުމަށާއި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް އެދިލެއްވިއެވެ. އަދި އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކޮށް، ކޮންމެ މީހެއްގެ ވެސް ކަރާމާތް ހިމާޔަތްކުރުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދައްކުވައިދޭނެ ކަމެއްކަމަށާ އަދި މިއީ ގައުމަށްޓަކައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބްރީފިންގައި އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން އަދި ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވެލައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ފުލުހުން ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދެއެވެ.