އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީން ހޯދާފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން މިއަދު ދައްކައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން ޕީއެންސީން ވަނީ 450 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް އެންމެ ގިނަ ގޮނޑިތައް ލިބުނީ ރަށު ކައުންސިލްތަކުންނެވެ. އެގޮތުން ރަށު ކައުންސިލްތަކުން ޕީއެންސީއަށް 262 ގޮނޑި ލިބުނު ކަމަށް ދައްކައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތަކުގެ ތެރެއިން 190 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ވެސް ޕީއެންސީން ކަމަށް އީސީގެ ވަގުތީ ނަތީޖާއިން ދައްކައެވެ.
ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ބަލާއިރު، އެމްޑީޕީން ވަނީ 238 ގޮނޑި ހޯދައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 177 ގޮނޑިއާއެކު، އެމްޑީޕީން މިހާތަނަށް އައިއިރު، 400 އަށް ވުރެ ގިނަ ގޮނޑި ހޯދާފައިވެއެވެ.
ރަށު ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން 80 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި އިރު، 14 ގޮނޑި ވަނީ އެހެނިހެން ޕާޓީތަކުގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 56 ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކާއިރު، އެހެނިހެން ޕާޓީތަކުން ހަތް ގޮނޑިއެއް ވަނީ ކާމިޔާބުކޮށްފައެވެ.