ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވަގުތީ ނަތީޖާ އިއުލާނުކުރުމާ ގުޅިގެންނެވެ.
މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ކާމިޔާބުކުރީ ޕީއެންސީންނެވެ. އެމްޑީޕީއަށް ލިބުނީ ސިޓީތައް އެކަންޏެވެ.
ރައީސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އިހުތިރާމާއެކު ބަލައިގަންނަ ކަމަށާއި، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ވޯޓުގައި، ވޯޓުލީ ގިނަ މީހުންވެސް ބުނެފައިވަނީ "ނޫނެކޭ" އެވެ.
ނަތީޖާތައް ދައްކާ ގޮތުން މީގެ ކުރިން އެމްޑީޕީން ކޮންޓްރޯލްކުރަމުން އަންނަ ގިނަ ރަށްރަށް ވަނީ ޕީއެންސީއަށް ބަދަލުވެފައެވެ.