މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.
މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
މާރިޗް މަހުގެ ކުރިން 11.57 ރުފިޔާއަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32 ރުފިޔާއަށް އަށް އަގުބޮޑުކޮށް ކަން އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50 ރުފިޔާއަށެވެ. މިއީ ކުރީގެ އަގުން އެންމެ ރުފިޔާއެއްގެ ބޮޑުވުމެކެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް މިހާރު ހަމަޖެހިފައިވަނީ 800 ރުފިޔާ އަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވެފައިވީނަމަ ވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަސް އެ ކުންފުނިން ބުންޏެވެ.