Street of Male', Photo: The Times of Addu
Street of Male', Photo: The Times of Addu

އެންޓި ސްކޭމް ސެންޓަރަށް އަހަރެއް ވީއިރު އަދިވެސް އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަ ރިޕޯޓުކުރުން ލަސްކުރުން: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުނުއިރު، ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުންކަމަށް އެންޓި ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި، އެ ފައިސާ ޖަމާވި އެކައުންޓުން އެކި ގޮތްގޮތުން ނަގާކަމަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމުގެ ސަބަބުން، ސްކޭމްގެ ޝިކާރައަކަށްވާ މީހާގެ އަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތައް ސްކޭމަރުންގެ އުކުޅުތަކަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަ ކުރައްވައި ވިދާޅުވީ، ޕިރަމިޑް ސްކީމްތައް ފަދަ ސްކޭމަރުން ބޭނުންކުރާ އުކުޅުތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަންކަން ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުނުކުރެވޭކަމަށެވެ. ހަމައެހެންމެ، ބަވަނަވެފައިވާ ދުނިޔޭގައި ސްކޭމް ކޭސްތަކުގައި ކްރޮސް ޖުރިސްޑިކްޝަން ނުވަތަ ކުށުގެ އަމަލުގައި އެކި ގާނޫނީ އިހުތިސާސްތައް ޝާމިލުވާ ހާލަތްތަކަކީ، މިފަދަ ކުށްވިޔަ ނުދިމަށާއި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ކުރިމަތިވާ އިތުރު ގޮންޖެހުމެއްކަމަށް ވެސް ވިދާޅުވިއެވެ.

ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 2259 މައްސަލަ ހުށަހެޅިފައިވާކަމަށާއި، އެ މައްސަލަތަކާ ގުޅިގެން 3852 އެކައުންޓް ފްރީޒްކުރިކަމަށް ނަވީދު ވިދާޅުވިއެވެ. އަދި ހުށަހެޅުނު މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ފައިސާ އަނބުރާ ވިކްޓިމުންނަށް ހޯދައިދެވުނުކަމަށާއި، އެއީ 785 މައްސަލައެއްގައި ހިމެނޭ ހުރިހާ ފައިސާއާއި 183 މައްސަލައެއްގައި ހިމެނޭ ފައިސާގެ ތެރެއިން ބައެެއްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް، އޮޕަރޭޝަންތަކެއް ހިންގާފައިވާކަމަށާ އަދި ދައުވާކޮށްދިނުމަށް އެދި 10 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނޭކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ސްކޭމްކުރުމުގައި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި، ރިޕޯޓުކޮށްފައިވާ މައްސަލަތަކުން އެންމެ ގިނައިން ފާހަގަކުރެވިފައި ވަނީ އީ ކޮމާސް ސްކޭމްސް ނުވަތަ ވިޔަފާރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށާއި، މިބާވަތުގެ މައްސަލަތަކަކީ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލަތަކުގެ 50 އިންސައްތަ މައްސަލަކަމަށް ވިދާޅުވިއެވެ. އަދި ދެވަނައަށް އެންމެ ގިނަކަމަށް ފާހަގަކުރެވެނީ ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތް ނުވަތަ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަންތައް ހިންގުމުގައި އޮޅުވާލައިގެން ވިކްޓިމްގެ އަތުން ފައިސާ ހޯދި މައްސަލަތައް ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ސްކޭމްތައް ދުރާލައި ދެނެގަނެ، ސްކޭމަރުންގެ އޮޕަރޭޝަންތައް ހުއްޓުވައި މިފަދަ ކަންކަމަށް އާންމުން އަހުލުވެރިކުރުވުމަށް، އެކި މަންސަތަކުގެ ޒަރީއާއިން އެންޓި ސްކޭމް ސެންޓަރު އަދި ކަމާގުޅުން ހުރި އިދާރާތައް ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި މަސައްކަތުގައި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި އެންޓި ސްކޭމް ސެންޓަރާ އެކު މަސައްކަތްކުރަމުން އަންނަ، ކަމާގުޅުން ހުރި އިދާރާތަކުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ސްކޭމްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ފުލުހުންނަށާއި ކަމާގުޅުން ހުރި އިދާރާތަކަށް ގާނޫނީގޮތުން ލިބިދީފައިވާ ބާރަކީ، ކުށްވިޔަ ނުދިނުމަށް ކުރާ މަސައްކަތަށް ލިބިގެން ދިޔަ ފަހިކަމެއްގެ ގޮތުގައި ސިފަަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *