އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ)އާއި ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މަގާމުން ވަކިކޮށްފިއެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޤަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި، އެ ދެމީހުން ވެސް މަގާމުން ވަކިކުރިކަމުގެ ސިޓީ މިއަދު ވަނީ ފޮނުވައިފައެވެ. މި ދެ ސިޓީގައި ވެސް އެމީހުން މަގާމުން ވަކިކުރި ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. އިބުރޭއަށް ފޮނުވި ސިޓީގައި ވަނީ، ޕާޓިގެ އަސާސީ ގަވާއިދުގެ 70ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަންކަމަށް އިންތިޚާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ގައުމީ މަޖިލީހުގެ ރުހުމާއެކު ޑެޕިއުޓީ ޗެއާޕާސަންއެއް އައްޔަންކުރަން ވާނެކަމަށެވެ.
މި މާއްދާގައި ޑެޕިއުޓީ ޗެއާޕާސަން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭނެކަމަށް ބަޔާންކޮށްފައި ނުވާކަމަށް ވެސް އެ ސިޓީގައި ވެއެވެ. އެ ސިޓީގައި ވަނީ އެހެންކަމުން މިއަދުން ފެށިގެން އެ މަގާމުން އިބުރާ ވަކިކޮށްފައި ވާކަމަށެވެ.
މި ދެމީހުން މަގާމުން ވަކިކޮށްފަިއ ވަނީ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުން އެމްޑީޕީ ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން ޕާޓީގެ އެތެރޭގެ މަސްލަހަތު ގޮސްވެފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދަށާއި ފައްޔާޒަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމުން ސޯޝަލް މީޑިއާގައި ވެސް ވަޏީ ގިނަ ބަޔަކު ފާޑުކިޔައިފައެވެ.