ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ގޮތުން ފުރަތަމަ ފަހަރަށް ރޭޓިން ލިބިއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެމެރިކާގެ މަސްވިއްކާ ކުންފުނިތަކުން އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންގްއެއްކަނޑައަޅައިފާއިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި ފުރަތަމަ ފަހަރުކަމަށެވެ.
އެހެންކަމުން މިއީ ރާއްޖެއަށާއ،ި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީހީ ކުރިއެރުމެއްކަން މިނިސްޓްރީން ފާހަގަކުރިއެވެ.
އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސ،ް މުޅި ސަރަހައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހުތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކޮށްފައެވެ.
މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއީރާއްޖެއަށް ފަހުރުވެރި ވަގުތުކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ގައުމަކަށް ހާއްސަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމަށެވެ. އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވެސް ވިދާޅުވިއެވެ.