ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 20 ކޯޓާ އާ ހަމައަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާ އާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ދާދި ފަހުން ވަނީ އިސްލާހު ގެނެސްފައެވެ.
މިއަހަރުގެ އެޕޕްރިލް އެއްވަނަ ދުވަހު ގެޒެޓް ކުރެވިފައިވާ މިއިސްލާހުގައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، މިލުއި މިފަދަ ވިޔަފާރިތަކަށް ލިބޭނެއެވެ.
މި ބަދަލަކީ މިދިޔަ ޑިސެންބަރު މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި، ރާއްޖޭގެ ކުދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތައް ޖަނަވަރީ 1 އިން ފެށިގެން ތަންފީޒު ކުރަން ފެށުމަށް ރައީސް ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ގެނެވިފައިވާ ބަދަލެކެވެ.
މި ގެނެވުނު ބަދަލާއެކު ގާތްގަނޑަކަށް 30 ހާހަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުޔެއް ލިބިގެންދާނެއެވެ. ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީއެއްގެ ގޮތުގައި ކޯޓާއަކަށް އަހަރަކަށް 2000 ރުފިޔާ ދައްކަންޖެހެއެވެ.
މީގެ އިތުރުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް މިލުއިގެ ބޭނުން ހިފިޔަ ނުދިނުމަށްޓަކައި، އެއްހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕަރޓްނަރުން ހިމެނިގެން ހިންގާ ވިޔަފާރިތަކަށް މިލުއި ތަކުރާރު ނުވާނެ ގޮތަށް ވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
އަދި މިބަދަލު ގެނައުމުން، މިކަމުގައި ވަޒީފާ ދޭ ފަރާތުން ކަން ކުރަންޖެހޭ ގޮތްތައް އަންގައިދޭ ޔޫސަރ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރެވެމުންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދެ އަހަރު ތެރޭ ނިޒާމީ ގޮތެއްގައި މިހާރު ހުރި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނެސް، ރާއްޖޭގެ އިޤްތިޞާދުގައި މި ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.