މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާއެވެ.
މުޙައްމަދު ޠާހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނިގޮތުގައި، އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ. އެގޮތުން ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައެވެ. އެ ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
މުޙައްމަދު ޠާހާ ދުއްވި ސައިކަލު ޓޯކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.