ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓަށާއި މަސްވެރިކަންކުރާ ބައެއް ދޯނިތަކަށް ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވުމުގެ ސަބަބުން އެ ރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓާއި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިތުރު ބައެއް އެހެން އުޅަނދުތަކަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯއިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް މިނިސްޓްރީގެ ޓީމެއް ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މިކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަރަށް ކައިރިން ބަލަމުން އަންނަކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ބަލާ އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ހާދިސާގައި ބިދޭސީއަކަށް ވެސް ވަނީ ފިހި، އަނިޔާވެފައެވެ.
މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓުކަމަށް މިފްކޯއިން ބުންޏެވެ.
މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެެވެ.