ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ 60ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ފެށީ ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ޓާރމިނަލް އެކެއް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްއެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްޢާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއް ވަނީ ފަޅައިފައެވެ.
މި ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލުކުރައްވައި މުވައްޒަފުންނަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފައެވެ.
ވީއައިއޭގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ވަނީ ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި އަހަރީ ދުވަހާ ގުޅުވައިގެން ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ އިނާމު ދީފައެވެ.
މި އިނާމުތައް ހަވާލުކޮށްދެއްވީ އިބްރާހިމް ޝަރީފު މުޙައްމަދުއެވެ.