ސޮނެވާ ޖާނީ ރިސޯޓުގައި އިއްޔެ ރޯވި އަލިފާން ނިއްވައިލެވުނީ ހަތްގަޑިއިރު ފަހުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓު ލިބުނީ އިއްޔެ 14:10 ހާއިރުކަމަށެވެ.މި ރިޕޯޓު ލިބުމާއެކު ނައިފަރު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ޓީމުން ކުރި މަސައްކަތުން އަލިފާން ނިއްވައިލެވުނީ ރޭ 21:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވީ އެ ރިޒޯޓުގެ ގެދަރިން އިމާރާތުގައެވެ. މިއީ ތިން ފަންގިފިލާއަށް ހަދާފައިވާ އިމާރާތެކެވެ. މި އިމާރާތުގައި ރިސޯޓުގެ މުހިންމު ތަންތަން ހިމެނޭއިރު އެ ތަންތަން ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން އެމްއެންޑީއެފުން ބުނީ، އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެ އިދާރާއިން ބުންޏެވެ.