ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރެއްވި ޕީއެންސީ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެންނެވެ. މި ހުކުމް ކުރީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. އެއީ ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކައި އޮތް މައްސަލައަކާ ގުޅިގެންނެވެ.
އީސީން މިއަދު ކުރި އިއުލާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، މާދަމާ ހެނދުނު 10:00އިން ފެށިގެން، އެޕްރީލް 29ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށް ހުޅުވާލައިފައި ވާކަމަށެވެ.
އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އީސީގެ candidacy@elections.gov.mv އީ-މެއިލް މެދުވެރިކޮށެވެ. އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަސްމި އިއުލާނުގައި ވެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ލިބުނުކަން އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތުން ކަށަވަރުކުރަންވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އީ މެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެއްވެސް ދަތިކަމެއް ދިމާވާނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި އިންތިޚާބާ ގުޅޭ ހުރިހާ މައުލޫމާތެއް އީސީން ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ.