މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެ ގައުމުގެ ސަރުކާރުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ. އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް އެ ބަހުސްތައް މަޑުޖައްސާލަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި، ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު ހިމަނާފައެއް ނުވެއެވެ.
މި ނިންމުމަށް މަރުޙަބާ ކިޔައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ބުނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ
މި ބަޔާނުގައި ރާއްޖޭން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަންވެސް ފާހަގަކުރައްވައި އެ ރަށްތައް ލިބުން ރާއްޖެއަށްކަމަށްވެސް ބުނެފައިވެއެވެ.