ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މިހާރު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުން ދައްކާގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
ވޯޓާސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 27ވާ ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށެވެ.
މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އެ ގޮނޑި ހުސްވެފައިވާތީ އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.
މި ފުރުސަތު ހުޅުވާލީ މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.