ރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަންއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސްވިޓަންގެ ވެރިރަށް ސްޓޮކްހޯމް ގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު ޝާން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ރާއްޖެ އާއި ސްވިޑަން އާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައި، ދެޤައުމުން އިސްކަންދޭ އެހެނިހެން މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަރުއްވާފައެވެ.
ސްޓޮކްހޯމްއަށް ކުރެއްވި މިދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުންތަކުގައި ރާއްޖެއާއި ސްވިޑަން އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުން ވެސް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޝާން އަރިހުގައި، ބާލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ވަނީ ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.
ސަފީރު ޝާން އަކީ ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭ އަށާއި ރިޕަބްލިކް އޮފް ފިންލެންޑް އަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ވެސްމެއެވެ.