މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީން 584 ގޮނޑި އަދި އިދިކޮޅު އެމްޑީޕީން 563 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށް ރަސްމީ ނަތީޖާއިން ދައްކައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގެ ދެބުރު ވަނީ ބާއްވާފައެވެ. ދެ ބުރުގެ ވޯޓުލުން އިއްޔެ ނިމި ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.
ދާއިމީ ނަތީޖާއިން ދައްކާ ގޮތުގައި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީތަކުގެ ގޮނޑިތަކަށް އެންމެ ގިނަ އަދަދަކަށް މެންބަރުން އިންތިހާބުވެފައިވަނީ ޕީއެންސީންނެވެ. އެގޮތުން، މި އިންތިހާބުގައި އިންތިހުބުވި 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް، އިންތިހާބުވި މެންބަރުންނެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި 563 މެންބަރަކު އިންތިހާބުވެފައިވާއިރު، އަމިއްލަގޮތުން ވާދަކުރެއްވި 169 ކެންޑިޑޭޓުން ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ނިންމާފައެވެ.