ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގެނައުމަށް ސަރުކާރުން މިހާރު ނުވިސްނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާއާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުން ސާބިތުވެގެންދިޔައީ ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުން ބޭނުން ނުވާކަން ކަމަށެވެ.
"ފެންނަ ނުފެންނަ ވޯޓުން ވަރަށް ބޮޑު މެސެޖެއް ރައްޔިތުން ދެއްވާފައި މިވަނީ. އެއީ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ޤަބޫލުކުރާ ކަމެއް ނޫނޭ، ނުވަތަ އެހާބޮޑަށް ފޭވަރ ކުރާ ކަމެއް ނޫންކަން. އެހެންވީމަ ޤާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަންޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތްތާނގައި ގެންނާކަށް އަޅުގަނޑުމެން ނުވިސްނަން ދެނެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤާނޫނުއަސާސީއަށް އިސްލާހު ނުގެންނެވި ނަމަވެސް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށާއި މިއަދާ ހަމައަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާހުތަކަކީވެސް ރައްޔިތުން ބޭނުންވާ މުހިންމު އިސްލާހުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.