ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި

Screenshot 2026-04-21 at 15.35.51

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ލޯނު ނެގޭނެ އުމުރު 75 އަހަރާ ހަމައަށް މަތިކޮށް ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ކުޑަ އަގުގައި ލޯނު ނެގޭނެ ގޮތް ހަމަޖައްސައިފިއެވެ.

އެކަން އިއުލާނު ކުރެއްވީ، މިއަދު ބީއެމްއެލްގެ ހެޑްކުއާޓާސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ބޯޑުން އިއްޔެ މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބީއެމްއެލް އިން ގެނައި އެންމެ ބޮޑު ބަދަލަކީ އުމުރުން 60 އަހަރު ފުރުމާ ހަމައަށް ލޯން ލިބޭ ގޮތަށް މިހާރު އޮތް އޮތުން 75 އަހަރާ ހަމައަށް މަތިކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ނިންމުމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގޭނެ. އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރިސޯޓް މުވައްޒަފުންނާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ މީހުންގެ ލޯނު ޑޮލަރުން ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ބީއެމްއެލްގައި އެދެމުންދާ ކަމަށާއި އެ ފަރާތްތަކަށް ތަންކޮޅެއް ކުޑަ ރޭޓެއްގައި ލޯނު ނެގޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ