ވީއައިއޭގެ ޓާމިނަލް 2 ގެ މަގު މެންދަމުގެ ވަގުތަށް ބަންދުކުރަނީ

Screenshot 2026-04-22 at 15.38.04

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 އާއި ބަނދަރާ ދެމެދުގައި އޮންނަ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރަން މެންދަމުގެ ވަގުތު އެ މަގު ބަންދުކުރަން ނިންމައިފި އެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓާމިނަލް 2 ގެ ކަފިހުރަހުގެ ފުރާޅު މަރާމާތުކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އަށް އެ މަގު ބަންދުކުރާނެ ކަމަށެވެ.

ޓްރެފިކަށް ގެންނަ ބަދަލުތައް:

  • ޑޮމެސްޓިކް ޓާމިނަލް ނުވަތަ ޓާމިނަލް 2 އަށް ފަސިންޖަރުން ގޮވައިގެން ދާ ޓެކްސީތައް އެ ވަގުތުތަކުގައި މަޑުކުރާނީ ޓާމިނަލް 1 ގެ ޑިޕާޗާ ގޭޓް 1 އާއި 2 އަށް.
  • އެ ވަގުތުތަކުގައި ޓާމިނަލް 2 ގެ ޓެކްސީ ސްޓޮޕް ބަންދުވާނެ.
  • ފަސިންޖަރުން ބޭލުމާއި ނެގުމަށް އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ އެއާޕޯޓުގެ ހުޅަނގު ފަރާތު ސައިކަލު ޕާކިންގެ ބަސްހުއްޓިއަށް އެކަނި.
  • އޭޓީސީއަށް ދާ އިންޓާނަލް ބަސް ރޫޓު 1 ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް 1 ޑިޕާޗާ ގޭޓަށް.
  • ވޯޓާ ސަޕްލައިއަށް ދަތުރުކުރާ އިންޓާނަލް ބަސް ރޫޓު 2 ގެ ދަތުރުތައް ފަށާނީ ޓާމިނަލް 2 ގެ ބުރު ކުރިމަތިން.

އެމްއޭސީއެލް އިން ބުނީ މި ބަދަލު ގެނައި ނަމަވެސް، އެއާޕޯޓުގެ ބަސް ޝެޑިއުލަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ބަސް ރޫޓު ބަދަލުވާނީ މި މަސައްކަތް ކުރިއަށް ދާ މުއްދަތުގައި ކޮންމެ ރެއަކު ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 އަށް ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ