އެމްޑަބްލިއުއެސްސީ އިން ދެމުންގެންދާ ފެނުގެ ހިދުމަތަށް ބިލް ނުދެއްކި ގިނަދުވަސްވެފައިވާ ގޭބިސީތަކާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެ ނިންމުން ނިންމާފައިވަނީ ކުންފުނީގެ ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި ނިންމެވުމާއި ގުޅިގެން، އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.
ޖޫރިމަނާ މަޢާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ހަލާސްކޮށްފައިވާ ކަސްޓަމަރުންނަށެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.