ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.
ރޭގެ އެމްޑީޕީގެ މުޒާހަރާގައި ފުލުހުން ކަރަންޓު ބަޑި، ޓޭޒާ ޖެއްސުމުން މީހެއް ފިޓް ޖެހި ހާލު ސީރިއަސްވެ، ފަރުވާ ދީފައިވާ ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ ފުލުހުން އެޅި ފިޔަވަޅެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުންނެވެ.
ފުލުހުން ބުނީ، ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތަކާ ޚިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން އެ މީހާއަށް ދިމާވި ހާދިސާއަކީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.