ރަޖިސްޓްރީ ނުކޮށް، ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ކުދިން ނެގުމަށް އިޝްތިހާރު ކުރަމުންދާތީ އެކަމާ މެދު ސަމާލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، އެ ކޮލެޖް ހިންގަނީ 'އެސްއޭއެސް މެޑިކަލް ކޮލެޖް'ގެ ނަމުގައި ކަމަށާއި ނަމަވެސް އެއީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށެވެ.
އެހެންވެ، އެކަމާ މެދު އާއްމުން ސަމާލުވުމަށް އިއުލާނުގައި ބުނެފައި ވެ އެވެ.
އެ ކޮލެޖްގެ ވެބްސައިޓުގައި އެތަނުން ހިންގާ ކޯސްތައް އިޝްތިހާރު ކުރަނީ، ފަސޭހައިން ޑޮކްޓަރުކަން ކިޔަވާ ނިންމޭ ގޮތަށެވެ. އެގޮތުން، ތިން އަހަރާއި ފަސް އަހަރުން ވެސް އެމްބީބީއެސް ސެޓްފިކެޓް ލިބޭނެ ފަދަ ކޯސްތައް އިއުލާންކޮށްފައިވެއެވެ.