ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 ގައި ދިވެހިރާއްޖޭގެ މުހިންމު މަސްވެރި ކުންފުނިތަކެއް ކަމުގައިވާ އެމްއެފްއޯއާރްއެމްޕީސީ، ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ، އަދި ބިގް ފިޝް މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.
މިއީ ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތް ގުޅުވައިދީ، ވިޔަފާރިއާއި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ މާކެޓް ޕްލޭސްއެވެ.
މި މުހިންމު ފޯރަމްގައި ދިވެހި ކުންފުނިތަކުން ބައިވެރިވުމަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިތުރަށް އިޝްތިހާރުކޮށް، ވިޔަފާރީގެ އާ ގުޅުންތައް ގާއިމުކުރުމަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
މި މާކެޓް ޕްލޭސްގެ ތެރެއިން، މޯލްޑިވްސް ޕެވިލިއަންގައި 'ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް' ގެ ނަމުގައި ޚާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ.
މި ހަރަކާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް، މޮންޓަރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑާ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑެއިރާ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާމެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
މި ހަރަކާތުގެ މައިގަނޑު އެއް މަގްސަދަކީ ސީފުޑް ވޮޗް އިން ދިވެހިރާއްޖޭގެ މަސްވެރިކަމަށް ދީފައިވާ އާ ރޭޓިންގް ފާހަގަކުރުމެވެ. މިއީ ސީފުޑް ވޮޗް އިން ގައުމަކަށް ޚާއްސަކޮށް ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގް ދިން ފުރަތަމަ ފަހަރެވެ. ދިވެހިރާއްޖެ މިކަމުގައި ކުރިއަރާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. މި ރޭޓިންގް އަކީ ދިވެހި މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިއީ ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި މަހަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމެއް ކަމަށް ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ޕެނަލްގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި މާކެޓް އެކްސެސް ހޯދުމާއި، އުފެއްދުންތަކުގެ އަގު މަތިކުރުމުގެ ވާހަކަތައް ހިމެނެއެވެ. ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިފަދަ ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކުގެ ބޭނުން ހިފުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ބައިވެރިން އެއްބަސްވިއެވެ. ދިވެހި މަސްވެރިންގެ ބުރަ މަސައްކަތުން ހޯދި މި ކާމިޔާބީއާއެކު، ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށް އޮތް ތަނުގައި އިތުރު ހަރުފަތަކަށް ދާނެކަމުގެ އުންމީދު ބޮޑުކަމަށް ޕެނަލްގެ ބައިވެރިން ފާހަގަކުރެއްވިއެވެ.