ހެޔޮ ބަދަލުތަކެއް ގެނައުމަށް އޭސީސީގެ ފަސްވަނަ ސްޓްރެޓީޖިކް ޕްލޭން އިފްތިތާހުކޮށްފި

Screenshot 2026-04-22 at 22.28.20

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލި ފަސްވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އާންމުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ މި ޕްލޭނަކީ ކޮރަޕްޝަންގެ ހިރާސް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެއް ކަމަށެވެ. މި ޕްލޭންގެ މައިގަނޑު އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަފަދަ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށާއި މި ސްޓްރެޓީޖިކް ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ކަމަށް އޭސީސީން ބުންޏެވެ.

އެއީ؛

· ގަވަރނަންސް އަދި އިދާރީ ތަރައްޤީ

· އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން

· ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން

· ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން

· ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން

މި ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ރޭވިފައި ވެއެވެ. މީގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށްވެސް ނިންމާފައި ވާކަމަށް އޭސީސީ ބުންޏެވެ.

މީގެ އިތުރުން ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އިސްކަންދީފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް މި ޕްލޭންގައި ކަނޑައަޅާފައި ވެއެވެ.

ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލެވިފައިވާ މި ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުން ކަމަށް އޭސީސީޖން ބުންޏެވެ. އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މި ޕްލޭންއަކީ އޭސީސީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ